މަގުމަތީގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި، މި މަހުގެ 1 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި، އެކްސިޑެންޓުވީ މީހާ ވެއްޓިފައި އޮއްވާ އޭނާގެ ބޯމަތިން ސައިކަލެއް ދިޔަކަން ހާމަވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އެދުވަހު ވިދާޅުވީ ހުޅުމާލެއިން މާލެއަަށް އަންނަ ލޭނުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައިހުރި ކޯނެއްގައި ޖެހި، އެދުވަހު ހެނދުނު 8:19 ހާއިރު ދުއްވާފައިދިޔަ ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުވީ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންދިޔަކަމަށާއި ނަމަވެސް ފަރުވާދެމުން ދަނިކޮށް އެދުވަހު ހެނދުނު 9:05 ހާއިރު އެމީހާ މަރުވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި މަރުވީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ.
ނަމަވެސް މި ހާދިސާގެ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް މީސް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. އެ ފުޓޭޖުން ފެންނަ ގޮތުގައި އެމީހާ ވެއްޓިފައި އޮތް އިރު، އޭނާގެ ބޯމަތިން ސައިކަލެއް، ކޮންޓްރޯލުނުވެ، ގޮސްފައިވެއެވެ.
އެހެންކަމުން މަރުވި މީހާއަށް ބޮޑަށް އަނިޔާވީ، އޭނާގެ ބޯމަތިން ސައިކަލެއް ދިޔުމުން ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް މި މައުލޫމާތު ފުލުހުން ހިއްސާ ކުރައްވާފައެއް ނުވެއެވެ. މިކަން ހާމަވީ ލީކުވީ ސީސީޓީވީ ފުޓޭޖުންނެވެ.




