ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝުޖާޢު ހަމަޖައްސައިފިއެވެ.
މި މަޤާމު ހުސްވެފައިވަނީ މިދިޔަ އަންގާރަ ދުވަހު ނާހިލް އަޙްމަދު ޞިއްދީޤު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭގެފަހުން ވަގުތީގޮތުން މި މަޤާމު ފުރުއްވާފައިވަނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާޢީލް ސިމާން އެވެ.
އިއްޔެ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ނިންމާފައިވަނީ މުޙައްމަދު ޝުޖާޢު އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް އައްޔަން ކުރުމަށެވެ. ޝުޖާޢު ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ އެ މަޤާމަށް ޢައްޔަންކުރެވުނީ 2021 ވަނަ އަހަރުއެވެ.
ކުރިން ޝުޖާޢު ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަޤާމުތައް ފުރުއްވާފައެވެ. މީގެ ތެރޭގައި އެސްޓީއޯގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ގޭސްގެ ބޯޑު ޑިރެކްޓަރުކަން ހިމެނެއެވެ.




