ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވިއަން ބްލަޑް ސާވިސަސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ޤާއިމުކުރުމެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމުގައި، ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯހުގެ ފުލުހުން ވަނީ ބައިވެރިވެ ލޭ ހަދިޔާ ކޮށްފައެވެ.
ފުލުހުންގެ ޑިޕާޓްމަންޓް އޮފް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓުން މި ޕްރޮގްރާމް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމް އާއި ބެހޭ ގޮތުން ފުލުހުން އިތުރަށް ބުނީ މިފަދަ ޕްރޮގްރާމުތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމުތަކެއް ކަމަށެވެ. މީގެ ސަބަބުން، ފުލުހުންގެ މުވައްޒަފުންގެ މެދުގައި އިޖްތިމާޢީ ޒިންމާ އުފުލުމުގެ ރޫޙު އާލާވެ، މުޖުތަމަޢުގެ ބޭނުންތެރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބިގެންދާ ކަމަށެވެ.



