ރާއްޖެއަށް އަލަށް ޢައްޔަންކުރެވުނު ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯއާ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޑރ. ޚަލީލް ވަނީ އައާ ސަފީރަށް މަރުޙަބާ ދަންނަވާ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުމަށް އަލިއަޅުވާލައްވާފައެވެ.
މީގެއިތުރުން ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށާއި ޖަޕާނުގެ ތަރައްޤީގެ އެހީގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ލިބިފައިވާ އެހީތަކާއި، ދިވެހި ރައްޔިތުންގެ ކުރިއެރުމަށް ޖަޕާނުން ކޮށްދެއްވާފައިވާ މަސައްކަތްތައް ވެސް ޚާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުވުމަށް ދިވެހި ރައްޔިތުންނާއި ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މިބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާ، ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއް ސަމަދު، އަދި ސެކްރެޓަރީ ބައިލެޓެރަލް ޑރ. ޙާލާ ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު 1967 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު ރަސްމީ ގުޅުން ޤާއިމުކުރެވިފައިވާއިރު އޭރުއްސުރެ ދެ ޤައުމުގެ ގުޅުން ވަނީ އެކި ދާއިރާތަކުން ކުރިއަރަމުން ގޮސްފައެވެ.



