ކިންގްޑަމް އޮފް ބެލްޖިއަމްގެ އާ ބޮޑު ވަޒީރު، ހިޒް އެކްސެލަންސީ ބާރޓް ޑެ ވޭވަރއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.
އާ ބޮޑު ވަޒީރު މަޤާމާ ޙަވާލުވުމާ ގުޅިގެން ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީގައި، ބެލްޖިއަމްގެ ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކޮށްދެއްވުމަށް ކުރައްވާ މަސައްކަތުގައި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ފާޅުކުރައްވާފައިވެއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ރަޙުމަތްތެރިކަމުގެ ގުޅުމަށް އިޝާރާތްކުރައްވައި، މި ގުޅުމަކީ އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި ހެޔޮއެދުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސް މުޢިއްޒު ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރާނެކަމުގެ ޔަޤީންކަންވެސް ރައީސް މުޢިއްޒު ދެއްވާފައިވެއެވެ.



