ރޯދައަށް ގޭތެރެ ސާފުކުރުމަށް ފަހު މަގުމަތީގައި ކުނި ނުބަހައްޓުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެދިއްޖެއެވެ.
މިކަމާ ގުޅިގެން އީޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމު ތަންތަން ސާފުކުރުމުގެ ތެރޭގައި އުފެދޭ ކުނީގެ އިތުރުން، ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނިވެސް މަގުމައްޗަށް ނެރެފައި ބަހައްޓާކަން ފާހަގަކޮށްފައިވެއެވެ.
މިކަމުގެ ސަބަބުން މަގުތައް ނުސާފުވެ، މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާންޖެހި، އަދި ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެކަމަށް އީޕީއޭއިން ބުނެފައިވެއެވެ.
އެއާއިއެކު، މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އީޕީއޭއިން ވަނީ ރަށްރަށުގައި ނަމަ އެރަށެއްގެ ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކާއި، އަދި ސިޓީތަކުގައި ނަމަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ގުޅައިގެން ކުނި އުކާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށްވެސް އީޕީއޭއިން އެދިފައިވެއެވެ.




