އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީ، މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ މާލެ ކަންބާ ރަނި ހިންގުން، އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިރޭ 8:41 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ސައިކަލުގައި އައި 2 މީހުން ހަމަލާދީފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާއަށް ހަމަލާދިނީ މަރުތޭލެއް ބޭނުންކޮށްގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެހް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



