އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވަނީ، ޣައްޒާއަށް ވެރިވެގަނެ، އެތަނުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ބޭރުކުރަން ކަމުގައި އޭނާ ބުނެފިއެވެ.
އިޒްރޭލުން 15 މަސް ދުވަސް ވަންދެން ހުއްޓުމެއްނެތި ޣައްޒާއަށް ދިން ހަމަލާގައި، ޣައްޒާ ވަނީ އެއްކޮށް ސުންނާފަތި ކޮށްފައެވެ. ހަނގުރާމަ ނިމި ޣައްޒާގެ ރައްޔިތުން އެނބުރި އެމީހުންގެ އަމިއްލަ ބިމަށް ދިޔުމަށްފަހު، އަލުން އެ ބިން އާރާސްތުކުރަން ޖެހޭ ކަމަށް ބުނެ ކަންބޮޑުވުންތަކެއް ވަނީ އުފެދެން ފަށާފައެވެ.
މިކަމާ ގުޅޭގޮތުން ޓްރަމްޕް ބުނީ ޣައްޒާގެ ރައްޔިތުން އަވަށްޓެރި އެހެން ޢަރަބި ޤައުމުތަކަށް ބަދަލު ކުރަން ޖެހޭ ކަމަށާއި އެއަށްފަހު އެތަން އެމެރިކާއިން ހިފައި، ޣައްޒާގައި ”ދުނިޔޭގެ މީހުން“ ދިރިއުޅެން ފަށާނީ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް މިހެން ބުނެފައިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއެކީ ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ. ނަތަންޔާހޫ އެމެރިކާއަށް ގޮސްފައިވަނީ ވެސް ޣައްޒާއާމެދު ދެން ކަންތައް ކުރާނެ ގޮތާމެދު މަޝްވަރާ ކުރުމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ޓްރަމްޕު ބުނަމުން ގެންދިޔައީ، ޣައްޒާގެ ރައްޔިތުން އެތަން ދޫކޮސްދާން ބޭނުންވާނެ ކަމަށާއި ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމުގެ މަސައްކަތްތަކެއް ވެސް އޭނާ ޣައްޒާގައި ފަށާނެ ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ހަމާސް ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ރައްޔިތުންގެ ހިތްތަކުގައި އަނެއްކާވެސް ބިރުވެރިކަން އުފެދޭނެ ވާހަކަތަކެއް ކަމަށާއި ޣައްޒާގެ ރައްޔިތުން މިކަމަށް އެއްބަސް ނުވާނެ ކަމަށެވެ. އަދި މިފަދަ ކަންބޮޑުވުންތައް އުފެދޭނެ ގޮތްގޮތަށް ވާހަކަ ނުދެއްކުމަށް ވެސް ހަމާސްއިން ބުނެފައިވެއެވެ.
އެމެރިކާގެ ވައިޓްހައުސްއަށް ނަތަންޔާހޫ ޒިޔާރަތް ކުރުމަށް ޓްރަމްޕް ދައުވަތު ދިނުމުން، ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުންފާޅުކޮށް އެތަނަށް އެއްވެފައެވެ. އަދި ޓްރަމްޕް ދައުވަތު ދިނީ ބޮޑު ކުށްވެރިއަކަށް ކަމަށާއި ގާތިލަކަށް ކަމަށް ވެސް އެމީހުން ގޮވާލާފައިވެއެވެ.



