އެމެރިކާގައި ބިހުގެ އަގު އިންތިހާއަށް މަތިވުމުން، ވިޔަފާރިވެރިއެއްގެ އަތުން 100،000 ބިސް ވަގަށް ނަގައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ހާމަވެފައިވާ ގޮތުގައި އެމެރިކާގައި ބިހުގެ އަގުމަތިވެފައި ވަނީ، ދާދި ފަހުން އެ ޤައުމުގައި ދޫނި ރޯގާ ފެތުރުމާ ގުޅިގެންނެވެ. އެ ވަބާއިން ސަލާމަތްވުމަށްފަހު ފިހާރަތަކުންނާއި ރެސްޓޯރަންޓުތަކުގައި ވެސް ބިހުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
ބިހުގެ އަގުމަތިވުމާ ގުޅިގެން ވަގުންތަކެއް ވަނީ ޕެންސިލްވޭނިއާގައި ފިހާރައަކަށް ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން ދިޔަ ޕިކަޕަކުން 100،000 ބިސް ވަގަށް ނަގާފައެވެ.
އެމެރިކާގެ ފުލުހުން ބުނީ މިމަހުގެ 1 ވަނަ ދުވަހު ހިނގި ވައްކަމުގެ މިހާދިސާގައި ވަގުން ވަގަށް ނަގާފައިވަނީ ހަމައެކަނި ބިސްތައް އެކަނިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކުރި ކަމަކަށް ފުލުހުން ބުނެފައެއް ނުވެއެވެ.
ވައްކަން ކޮށްގެން ނަގާފައިވާ މި 100،000 ބިހުގެ ޖުމްލަ އަގަކީ 40،000 އެމެރިކާ ޑޮލަރެވެ.



