އއ. ހިމަންދޫގައި ހުންނަ ސްޓެލްކޯ އިންޖިނުގޭގެ މުވައްޒަފުންގެ ފަރާތުން ޣައްޒާގެ ރައްޔިތުންނަށް ދީލަތި އެހީތެރިކަމެއް ހަދިޔާކޮށްފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތަކާއި އަދި ކްލަބް ޖަމްޢިއްޔާތައް ގުޅިގެން، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ”ހެލްޕް ޣައްޒާ – ދިވެހިން ހަނދާނެއް ނުނެތޭ“ ގެ ނަމުގައި ހިންގުނު ޚައިރާތީ ހަރަކާތުން މިހާތަނަށް ޖުމްލަ 260,800 ރުފިޔާ (ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ރުފިޔާ) ވަނީ އެއްކުރެވިފައިވާ ކަމަށެވެ.
މީގެ ތެރެއިން 126,560 ރުފިޔާ (އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާކަން ސްޓެލްކޯއިން ފާހަގަ ކޮށްފައިވެއެވެ.
”މިފަދަ އިޖްތިމާޢީ ޚިދުމަތުގެ މަސައްކަތްތަކުގައި މި ކުންފުނީގެ މުވައްޒަފުން ޢަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވެ، އެ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން“ ސްޓެލްކޯގެ މެނޭޖްމަންޓުގެ ފަރާތުން އެ މުވައްޒަފުންނަށް ތަޢުރީފުކޮށް، މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއްނެތި 15 މަސް ދުވަސް ވަންދެން ދެމުންގެންދިޔަ ހަމަލާތަކުގެ ސަބަބުން، އެ ޤައުމު ވަނީ ވަރަށް ބޮޑަށް ސުންނާފަތިވެ އަލުން އާރާސްތުކުރަން ޖެހިފައެވެ. އެހެންކަމުން ޣައްޒާގެ ރައްޔިތުންވަނީ މުޅި ދުނިޔޭގެ އެހީތެރިކަމަށް ވެސް އިންތިހާއަށް ބޭނުންވެފައެވެ.




