މަސްތުވާތަކެތި ބޭނުންކުރާ ގިނަ ބަޔަކު ރިމާންޑު ސެންޓަރުތަކަށް ގެންދަން ފެށުމާއެކު ޑްރަގަށް އޯވަޑޯޒްވާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ލުބްނާ ވިދާޅުވީ، މި ސަރުކާރު އައިއިރު ފަރުވާއަށް ހުކުމްކޮށްފައިވާ 700 އަށްވުރެ ގިނަ މީހުން ތިބި ކަމަށާއި، މިހާރު އެ އަދަދު 150 އަށް ދަށްކުރެވިފައިވާ ކަމަށެވެ.
ލުބްނާ އިތުރަށް ވިދާޅުވީ ކޯޓުތަކުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ދުވާލަކު އެތައް ހުކުމެއް ކުރަމުންދާއިރު، އެންޑީއޭގެ ފަރުވާގެ ނިޒާމުގެ ދަށުން ހިންގާ ސެންޓަރުތަކުގެ ޖާގަ އެހާ ބޮޑު ނޫން ކަމަށެވެ.
މީގެއިތުރުން، ފަރުވާއަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެންޑީއޭގެ ބޯޑުން ޚާއްސަ ޓާސްކް ފޯހެއް އުފައްދާފައިވާކަން ހާމަކުރައްވާ ލުބްނާ ވިދާޅުވީ މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ. އަދި މި މީހުންނަކީ މާލެއާއި އެހެނިހެން ރަށްރަށުން ނަގާފައިވާ މީހުންކަމަށް ލުބްނާ ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް އެންޑީއޭއާއި ފުލުހުން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް 2024 ވަނަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހާ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މީހުންނާއި، މަގުމަތީގައި މަސްތުގައި އުޅޭ މީހުންނާއި، މިސްކިތްތަކުގައި ނިދާ މީހުން ފަރުވާގެ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދެމުންދެއެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހުންނަނީ ކ. ހިންމަފުށީގައާއި ހުޅުމާލޭގައެވެ. މަސްތުވާތަކެތީގެ ވަބާއިން ދިވެހިން ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.




