ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލާސުބްރަމަނިއަންއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައި ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި، މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާއިރު، ޚާއްޞަކޮށް ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމާއި، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދާއިރާގައި އެކުގައި މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 40 އިންސައްތައަށްވުރެ ގިނަ މަސައްކަތް މިހާރު ވަނީ ނިމިފައިވާއިރު، މި މަޝްރޫޢަކީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ.
މި މަޝްރޫޢު ހިންގަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އަދި ދިވެހި ސަރުކާރުގެ ޚަރަދުގައެވެ.



