ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްގެން ތަރައްޤީކުރެވުނު އިސްރަށްވެހިންގެ ނާދީއެއް މިއަދު ރަސްމީކޮށް ހުޅުވާއިފިއެވެ.
މި ނާދީ ހުޅުވުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 8 ގައި ޤާއިމުކުރެވިފައިވާ މި ނާދީ ރަސްމީކޮށް ހުޅުވައިދެއްވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފަޔާޒް މަންސޫރެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ނާދީގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. މިގޮތުން، އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު މި ނާދީ ތައްޔާރުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި ނާދީގައި އިސްރަށްވެހިންނަށް ޞިއްޙީ ޚިދުމަތްތަކާއި، އެކި ބާވަތުގެ ސްކްރީނިންތައް ހެދުމުގެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމަށް ވެސް އެޗްޑީސީން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި، އެންމެންނަށް ބޭނުންކުރެވޭ ސަރަޙައްދުތަކާއި، އަރާމުކޮށްލުމަށް ޚާއްޞަކުރެވިފައިވާ ތަންތަނާއި، ފޮތްކިޔުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުގެ އިތުރުން އަވަސް ފަރުވާދޭ ކޮޓަރިއާއި، ނަމާދުކުރާ ތަނާއި، ބަދިގެއެއްވެސް މި ނާދީގައި ހިމެނިފައިވާނޭ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ވަދެނިކުމެވޭ ގޮތަށް ފަރުމާކުރެވިފައިވާ މި ނާދީ ހުޅުވިފައި ހުންނާނީ ހަފުތާގެ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ.
މި ނާދީއަކީ އެޗްޑީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ތަރައްޤީކޮށް، އިޖުތިމާޢީ އަދި އާއިލީ ކަންކަމާ ބެހޭ ވުޒާރާއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ތަރައްޤީކޮށް، އެފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައެވެ.



