ފައިބަރުގެ މަސައްކަތްކުރާ ތަންތަނަށް ކުޑަކުދިންނާއި މާބަނޑު މީހުން ވަނުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާ ގަވާއިދެއް ނެރެފިއެވެ.
އެޗްޕީއޭއިން ޖެނުއަރީ 28، 2025 ގައި އާއްމުކޮށްފައިވާ ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ އައު ގަވާއިދަކީ ފައިބަރުގެ މަސައްކަތުގައި ބޭނުންކުރާ ނުރައްކާތެރި މާއްދާތަކުން އާއްމުންނާއި ތިމާވެއްޓާއި އެ ތަންތަނުގައިވާ ދިރުންތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި އެކުލަވައިލެވުނު ގަވާއިދެކެވެ.
މިގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އުސޫލުތަކާ ޚިލާފުވާ ފަރާތްތައް ޒިންމާދާރުކުރުވައި، ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އެޅުމަށް ބަޔާންކޮށްފައިވާއިރު، ގަވާއިދުގެ ދަށުން ފައިބަރު މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކުގެ ތެރޭގައި ވެންޓިލޭޝަން ސިސްޓަމު ގާއިމުކުރުމާއި، ކެމިކަލް ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
މީގެއިތުރުން، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމަކީ ތަނުގެ ވެރިފަރާތުގެ ޒިންމާއެއްގެ ގޮތުގެއްގެ ގޮތުގައި މިގަވާއިދުގައި ކަނޑައަޅާފައިވެއެވެ.
ހަމައެއާއިއެކު، ފައިބަރު މަސައްކަތްކުރާ ތަންތަނުގައި ރައްކާތެރިކަމުގެ ގޮތުން ހުންނަންޖެހޭ ސަލާމަތީ ފާހަގަތައް ރަނގަޅަށް ފެންނަގޮތަށް ހަރުކުރުމަށް ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، މީގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑުމީހުން ވަނުން މަނާ ތަނެއްކަން އަންގައިދޭ ބޯޑު ހިމެނެއެވެ.
މި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ކުރެވޭނެކަމަށް ކަނޑައަޅާ ބުނެފައި ވަނީ އެޗްޕީއޭއިން ހުއްދަ ނުދެނީސް ފައިބަރު މަސައްކަތް ކުރާ ތަނެއް ހިންގާކަން ކަށަވަރުވެއްޖެނަމަ 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.



