ޣައްޒާއަށް އެމެރިކާއިން ވެރިވެގަނެ، އެތަނުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެހެން ޤައުމުތަކަށް ފޮނުވާލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހެދުމުން، އިޒްރޭލުން އ.ދ ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ވަކިވެއްޖެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރި ރަސްމީ ދަތުރުގައި ޓްރަމްޕްއާ ބައްދަލުކޮށް ޣައްޒާއާމެދު ދެން ކަންތައް ކުރާނެ ގޮތަކާމެދު ވަނީ މަޝްވަރާ ކޮށްފައެވެ.
އެ މަޝްވަރާ ބައްދަލުވުމަށްފަހު މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ އޭނާ ބޭނުންވަނީ ޣައްޒާގެ ރައްޔިތުން އަރަބި އެހެން ޤައުމުތަކަށް ދާއިމީކޮށް ފޮނުވާލާ، އެމެރިކާއިން ޣައްޒާ އަލުން އާރާސްތުކޮށް އެތަނަށް ވެރިވެގަތުމަށް ކަމަށެވެ.
ޓްރަމްޕް ބުނެފައިވަނީ، އިޒްރޭލުން ދިން ހަމަލާތަކަށްފަހު ޣައްޒާގައި އެތަނުގެ ރައްޔިތުންނަށް ނޫޅެވޭނެ ކަމަށާއި އަލުން އެތަން ބިނާ ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ޣައްޒާގެ ރައްޔިތުންވެސް އުފަލާއެކު އެހެން ޤައުމުތަކަށް ބަދަލުވާނެ ކަމަށާއި، ބަދަލުވުމުން ޣައްޒާގައި ދެން ދިރިއުޅޭނީ އެމެރިކާއިން ކަމަށް ވެސް ބުނެފައިވެއެވެ.
ޓްރަމްޕްގެ އެ ހުށަހެޅުމަށް ބޭރު ދުނިޔެއިންނާއި ފަލަސްތީނުގެ ރައްޔިތުން ވެސް ވަނީ ދެކޮޅު ހަދާފައެވެ. އަދި އެއީ ވަރަށް ބޭއިންސާފު ނިންމުމެއް ކަމަށާއި ޣައްޒާގެ ރައްޔިތުން ތިބެންވާނީ އެމީހުންގެ އުފަން ބިމުގައި ކަމަށް ބުނެފައިވެއެވެ. އަދި ޓްރަމްޕުގެ މި ނިންމުމަށް އ.ދ އިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށް، އެކަމާ ދެކޮޅު ހަދާފައެވެ.
އެމެރިކާގެ ހުށަހެޅުމަށް އ.ދ އިން ދެކޮޅު ހެދުމުން، އިޒްރޭލުން އ.ދ ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑެނީ ޑެނޮން އިއްޔެ ބުނީ އެޤައުމުން ވަނީ އެމެރިކާއާއެކު ކަމަށާއި އެހެންކަމުން އ.ދ ގެ ކައުންސިލުން އިޒްރޭލު ވަކިވާން ނިންމާފައިވާ ކަމަށެވެ.



