ޣައްޒާގެ ރައްޔިތުން ބޭރުކުރުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް ރާއްޖެއިން ތާއީދު ނުކުރާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް މަސައްކަތަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދެއް ނުކުރާނެ ކަމަށެވެ.
ޣައްޒާގެ ބިމަކީ ފަލަސްތީނުގެ ޙައްޤެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް އިސްކަންދޭނީ ސުލްޙަވެރިކަމަށް ކަމަށެވެ. އަދި އެހެން ޤައުމުތަކުގެ ބިންތައް އަތުލުމާއި، މީހުންގެ ފުރާނައަށް ގެއްލުން ދިނުމާއި، އިންސާނީ ޙައްޤުތަކަށް އަރައިގަތުން ފަދަ ޢަމަލުތައް ރާއްޖެއިން އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރާނެ ކަމަށެވެ.
މީގެއިތުރުން، އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން އިސްރާއީލުގެ ޒިންމާތަކާ ބެހޭ ގޮތުން އައި.ސީ.ޖޭގެ ލަފައަކަށް އެދި އދ. އާންމު މަޖިލީހުން ފާސްކުރި ޤަރާރު ރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ 1967 ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ބަލައިގަނެ، ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބިދޭނެ ކަމަށެވެ.



