ހުޅުމާލޭގައި ގާއިމުކުރާ ބައިނަލްއަޤްވާމީ ފެންވަރުގެ ކުޅިވަރު ފެސިލިޓީތަކުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ހުޅުމާލޭގައި ގާއިމުކުރާ މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސްއަކާއި، މަލްޓި ސްޓޯރީ ނެޓްބޯޅަ ކޮމްޕްލެކްސްއަކާއި، ސަރފިންގ ސްޓޭޑިއަމެއްގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށެވެ.
ކުޅިވަރުގެ ދާއިރާގައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް މުހިންމު މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަން ހާމަކުރައްވާ ރައިީސް ވިދާޅުވީ ހުޅުމާލޭގައި ޑްރިފްޓިންގ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ ކަމަށެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސްތަކަކީ ރާއްޖޭގައި ގާއިމުކުރާ ފަސް ދަނޑުގެ ތެރެއިން ފުރަތަމަ ދެ ކޮމްޕްލެކްސްއެވެ. މީގެތެރެއިން ފުޓްސަލް ކޮމްޕްލެކްސް ހުޅުމާލެ ފޭސް 2 ގައި އެޅުމަށް ހަމަޖެހިފައިވާއިރު، ނެޓްބޯޅަ ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގައެވެ.
މީގެ އިތުރުން، މާލޭ ރާޅުގަނޑު ސަރަހައްދުގައި ސަރފިންގ އަދި ބޮޑީބޯޑިންގގެ ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ސްޓޭޑިއަމެއްގެ މަސައްކަތްވެސް މިއަހަރު ފެށިގެންދާނެއެވެ. މި ހުރިހާ މަޝްރޫޢުތަކަކީވެސް ރައީސް ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.




