ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމެހެއްޓޭނީ ޤައުމާމެދު ފަޚުރުވެރިވާ ދަރިން އުފެއްދިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި، ޤައުމާ މުޚާޠަބުކޮށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ޤައުމާމެދު ފަޚުރުވެރިވާނެ ދަރިން އުފެއްދުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ޤައުމިއްޔަތަކީ ކޮންމެ ޤައުމެއްގެވެސް އެންމެ އަސާސީ މަޞްލަޙަތު ކަމަށް ފާހަގަކުރައްވައި، ދިވެހި ޤައުމިއްޔަތާއި އަމިއްލަވަންތަކަން ދިރުވުމަށް މިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފެއްދުމާއި، ދިވެހި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ޤާއިމުކުރުން ފަދަ ކަންކަން ހިމެނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމި ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި ހއ. އަތޮޅުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް ވެސް ފެށޭނެ ކަމަށެވެ.
މީގެއިތުރުން، ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލާއި، ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު އެކުލަވާލުމާއި، ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުން ފަދަ ކަންކަން މިއަހަރު ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ މި ހުރިހާ މަސައްކަތްތަކަކީވެސް ދިވެހި ޤައުމިއްޔަތު ވަރުގަދަކޮށް، ދިވެހި ދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ.




