ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްދުކުރައްވާ އެންމެ މުހިންމު ބިލަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ޤާނޫނު އިސްލާހު ކުރަން ހުށަހަޅާ ބިލު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ދައުރު ފައްޓަވާ ދެއްވުމަށް، ރިޔާސީ ބަޔާން އިއްވުމަށްޓަކައި މިއަދު ބޭއްވި ޚާއްސަ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވަނީ މިދިޔަ އަހަރު ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުންގެ މަޖިލީހުން 30 ބިލެއް ފާސްކޮށްފައިވާކަން ފާހަގަ ކުރައްވައި މިއަހަރުވެސް ސަރުކާރުގެ ފަރާތުން މުހިންމު ގިނަ ބިލުތަކެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން 35 ބިލެއް މަޖިލީހަށް ހުށަހެޅުނު ކަމަށެވެ. އެއީ މުޅިން އަލަށް ހުށަހެޅުނު އަށް ބިލަކާއި 21 ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުނު ބިލު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ގަސްދު ކުރާ އެންމެ މުހިންމު ބިލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުގައި ބާއްވާ ގޮތަށް ބަދަލުކުރަން ގެންނަ އިސްލާހުގެ ބިލެވެ.
އެ ބަދަލާއެކު، ނޮވެންބަރު 11 ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ވެސް މި ދައުރުގައި ސަރުކާރުން ހުށަހަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


