މާވެޔޮމަގުގައި ހުރި ކެފޭއެއްގައި މި މަހުގެ 4 ވަނަ ދުވަހު ހިނގި ނުރައްކާތެރި މާރާމާރީއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ނޭޕާލު ފިރިހެނެއް ހައްޔަރުކޮށް އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކޮށްފައިވަނީ ސިދާތާ ގުރުންގް (24އ.) އެވެ.
އެ ކެފޭއެއްގެ ކައްކާއެއްގެ ގޮތުގައި ހަރަކާތްތެރިވި ސިދާތާ ވަނީ އެތަނުގެ ބަދިގޭގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ، ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެވެ. އެކަމުގެ ސަބަބުން އެމީހާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އެދުވަހު ވިދާޅުވެފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މާރާމާރީއާ ގުޅިގެން ހާލުސީރިއަސްވީ ބަންގްލަދޭޝް މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި އަދިވެސް ދަނީ ފަރުވާ ދެމުން ކަމަށެވެ.
މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



