ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ހާސިލުކުރަމުންދާ ކާމިޔާބީތަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ތަޢުރީފުކޮށްފައެވެ.
ރަސްމީ ދަތުރެއްގައި މިހާރު ޕާކިސްތާނުގައި ހުންނެވި ދިވެހިރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވަނީ ޕާކިސްތާނުގެ ޖޮއިންޓް ޗީފް އޮފް ސްޓާފްސް ކޮމިޓީގެ ޗެއަރމަން ޖެނެރަލް ސާހިރު ޝަމްޝާދު މިރްޒާއާ މިއަދު ބައްދަލުކުރައްވާފައެވެ.
ޕާކިސްތާނުގެ އާމްޑް ފޯސަސް ނިއުސްގެ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ރަވަލްޕިންޑީ ސިޓީގައި ހުންނަ ޖޮއިންޓް ސްޓާފް ހެޑްކުއާޓަރސްގައި ބޭއްވުނު މި ބައްދަލުވުމުގައި ދެ ޤައުމުގެ ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއާއި ޕާކިސްތާނު ގުޅިގެން އަސްކަރީ މަޝްޤުތަކާއި ޖޮއިންޓް އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުންވެސް ވާހަކަދެކެވުނު ކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ މަތީ ފަންނީ ޤާބިލުކަމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ހޯދަމުންދާ ކާމިޔާބީތަކަށް މޭޖަރ ޖެނެރަލް ހިލްމީ ވަނީ ތަޢުރީފުކުރައްވާފައެވެ.
މޭޖަރ ޖެނެރަލް ހިލްމީގެ މި ދަތުރުފުޅާ ގުޅޭގޮތުން އެމްއެންޑީއެފުން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.




