ރާއްޖޭގެ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިއަހަރު ތެރޭގައި ބޮޑުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއެކު، ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ހާމަނައިޒްކޮށް ބޮޑުކުރެވޭނެ ކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ކައުންސިލްތަކުގެ މަސްއޫލިއްޔަތާ އެކަށޭނަ މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. މިގޮތުން، ކައުންސިލްތަކުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުމަށްވެސް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސާއި އެހެނިހެން އިނާޔަތްތައް ދިނުމަށްޓަކައި ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި މަހު ތެރޭގައި ހުށަހެޅޭނެ ކަމަށެވެ.




