ގއ. އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދިފަހުން، އަންހެނަކާއި ތުއްތު ދަރިފުޅު ހާލު ދެރަވެގެން މާލެއަށް ގެނައުމަށް ދިޔަ އެއާ އެމްބިއުލާންސުގައި އެމަޖެންސީކޮށް ފަރުވާ ދޭން ޖެހޭ ހުރިހާ ވަސީލަތެއް ހުންނާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.
އުމުރުން 35 އަހަރުގެ މާބަނޑު އަންހެނަކު ބަލިވެގެން އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔައީ މިދިޔަ އަންގާނަ ދުވަހުގައެވެ. އޭނާގެ ހާލު މާބޮޑަށް ގޯސްވުމުން، ވެންޓިލޭޓަރަށްލުމަށްފަހު، ސިޒޭރިއަން ހަދައި ބަނޑުގައި އޮތް ދަރިފުޅު ވަނީ ނަގާފައެވެ.
ނަމަވެސް އެއަށްފަހު އެ ދެމައިންގެ ހާލު ވެސް ގޯސްވުމުގެ ސަބަބުން އިތުރުފަރުވާއަށް މާލެ ފޮނުވާލަން ނިންމި ކަމަށާއި ނަމަވެސް މާލެ ފޮނުވާލުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށް އާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ.
މި ހާދިސާގައި މައިމީހާ ނިޔާވެފައިވަނީ މާލެއަށް ގެނައުމަށް ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބާ ކަމަށާއި ތުއްތު ދަރިފުޅު ނިޔާވީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ދެމައިން ނިޔާވި ހާދިސާއާ ގުޅިގެން ގއ. ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. އަދި ދެމައިން މާލެ ގެނައުމަށް ކޫއްޑޫއަށް ފޮނުވި އެއާ އެމްބިއުލޭންސް (ފްލައިޓު)ގައި ވަސީލަތްތައް ހަމަނޫނީތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
މިކަންބޮޑުވުންތަކާ ގުޅިގެން މޯލްޑިވިއަން އިން މިއަދު ބުނީ އެ ދެމައިން ނިޔާވުމަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި ދެމައިން މާލެ ގެނައުމަށް މޯލްޑިވިއަންއިން އެއާ އެމްބިއުލާންސް އޮޕަރޭޓްކޮށްފައި ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސަސްއާ ގުޅިގެން އިމަޖެންސީ ފަރުވާ ދޭން ބޭނުންވާ ސާމާނާ އެކުގައި ކަމަށެވެ.
މި ހާދިސާ އާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނެފައި ވަނީ، އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށާއި ހުރިހާ ތަފްސީލެއް ވަރަށް ފުންކޮށް ބަލައި، އެއާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ޝިއުނާ ތައުފީޤް ނަމަކަށް ކިޔައި އުމުރުން 35 އަހަރުގެ އަންހެނެކެވެ.



