ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަހުމަދު ނަސީމްއާ ގުޅޭގޮތުން ޖަމާލުއްދީން ސްކޫލުން މީސް މީޑިއާގައި ޖެހި ޕޯސްޓެއް، އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޖަމާލުއްދީން ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން މިއަދު ވަނީ، އެ ސްކޫލުން ކުރިން ތައުލީމު ހާސިލު ކުރި ފާހަގަ ކޮށްލެވޭ ބައެއް ދަރިވަރުންގެ އަގުވަޒަންކޮށް މީސް މީޑިއާގައި އެ ދަރިވަރުންގެ ފޮޓޯއާއެކު ޕޯސްޓުތަކެއް ކޮށްފައެވެ.
އެގޮތުން މީކައިލް އަކީ ވެސް ކުރިން އެ ސްކޫލުން ތައުލީމު ހާސިލުކުރި ދަރިވަރެއްކަމާއި އަދި މީކައިލްއަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކަށް ހޮވިވަޑައިގެންނެވި އެންމެ ޒުވާން އެއް މެންބަރުކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
ނަމަވެސް މިކާއިލްއާ ގުޅޭގޮތުން ޖެހި އެ ޕޯސްޓު މީސް މީޑިއާގައި ހިއްސާ ކުރިތާ މާގިނައިރެއްނުވެ ޖަމާލުއްދީން ސްކޫލުން ވަނީ އެ ޕޯސްޓު ޑިލީޓު ކޮށްފައެވެ.
މިކަމާ ކަންބޮޑުވުން ފާލު ކުރައްވައި މީސް މީޑިއާ މެދުވެރިކޮށް މީކައިލް ވިދާޅުވީ، ޖަމާލުއްދީން ސްކޫލުން އޭނާގެ އަގުވަޒަން ކުރިކަމީ ލިބުނު ޝަރަފެއް ކަމަށާއި އެހެންނަމަވެސް މިނިސްޓްރީން އަންގައިގެން އެ ޕޯސްޓު ޑިލީޓު ކުރަން އެ ސްކޫލަށް ޖެހުމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ ކަމަށެވެ.



