ފަލަސްޠީނުގެ ބިންތައް އަތުލައިގަތުމާއި އެ ޤައުމުގެ ރައްޔިތުން އެ ބިމުން ބޭރުކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތައް ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެމެރިކާގެ ފަރާތުން ފަލަސްޠީނުގެ ބިންތަކުން އެ ޤައުމުގެ ރައްޔިތުން ނެރެ، އެ ސަރަހައްދު ތަރައްޤީކުރާނެ ކަމަށް އެމެރިކާއިން ބުނެފައިވާއިރު، ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައެޅުމަށް ގޮވާލާފައިވެއެވެ.
އެބަޔާނުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށާއި، އދ.ގެ ފުރިހަމަ މެންބަރުކަން އެ ޤައުމަށް ދިނުމަށް ދިވެހިރާއްޖެއިން ކުރާ ތާއީދު އަލުން ބަޔާންކޮށްފައިވެއެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ފަލަސްޠީނުގެ ބިންތަކުގައި އާބާދީތައް ޤާއިމުކުރުމާއި، ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ނެރުމަށް ކުރެވޭ އެންމެހައި މަސައްކަތްތައް ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ޞުލްޙަވެރި މަޝްވަރާގެ ތެރެއިން މިނިވަން ދެ ދައުލަތް ޤާއިމުކުރެވިގެން ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.




