މަސްތުވާތަކެތީގެ މައްސަލައިގައި ފަރުވާއަށް ހުކުމްކުރެވި، ފަރުވާގެ ނިޒާމަށް ނުވެއްދި ތިބި 700 މީހުންގެ ތެރެއިން 600 އަށްވުރެ ގިނަ މީހުން މިހާރު ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމަށް ވައްދާފައިވާކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މަޢުލޫމާތު ދީފިއެވެ..
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛާ ލުބްނާ ޒާހިރު ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ލުބްނާ އިތުރަށް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 7 އަހަރު ތެރޭގައި 4500 މީހުންގެ މައްޗަށް މަސްތުވާތަކެތީގެ ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ހުކުމްކޮށްފައިވެއެވެ. އޭގެ ތެރެއިން 700 އަށްވުރެ ގިނަ މީހުން ސަރުކާރު ހަވާލުވިއިރުވެސް ފަރުވާގެ ނިޒާމަށް ނުވައްދާ ތިބިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، އެންޑީއޭގެ ތެރޭގައި ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި، ފަރުވާގެ ނިޒާމަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމުގެ ސަބަބުން މިހާރު 150 އަށްވުރެ މަދު މީހުން މެނުވީ ފަރުވާގެ ނިޒާމަށް ނުވައްދާ ނުތިބޭނެ ކަމަށް ލުބްނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ރިހެބިލިޓޭޝަން ފަރުވާއަށް ކޮންމެ ދުވަހަކުވެސް ކޯޓުން ހުކުމް ކުރަމުންދާކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ ވޭތުވެދިޔަ އަހަރު އެކަނި 250 މީހުންގެ މައްޗަށް ފަރުވާގެ ނިޒާމަށް ވަނުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
ލުބްނާ އިތުރަށް ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދެމުންދަނީ ފަރުވާގެ ނިޒާމަށް ވަނުމަށް ހޭދަވާ މުއްދަތު ކުރުކޮށް، ކޯޓުގެ ހުކުމާ އެއްގޮތަށް ފަރުވާ ވީހާވެސް އަވަހަށް ފެށުމަށް ކަމަށާއި އެގޮތުން އެންޑީއޭގެ ރިހެބް ޕްރޮގްރާމްތައް ވެސް ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައިކަމަށް ކަމަށެވެ.


