ޖަމާލުއްދީން ސްކޫލުން (ޖޭއެސް) ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމާ ބެހޭ ގޮތުން މީސްމީޑިއާގައި ޝާއިޢުކުރި ޕޯސްޓު ނެގީ ގިނަ ބެލެނިވެރިންތަކެއްގެ ފަރާތުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ކަމަށް ޖޭއެސްއިން މިއަދު ހާމަކޮށްފިއެވެ.
ޖޭއެސްގެ 40 އަހަރުގެ ޖުބިލީ ފާހަގަކުރުމުގެ ގޮތުން، އެ ސްކޫލުން ކިޔަވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ފަރާތްތަކުގެ ވަނަވަރު ސޯޝަލް މީޑިއާގައި ޝާއިޢުކުރަމުން ގެންދިޔައެވެ. އިއްޔެ ހަވީރު ޖޭއެސްއިން ވަނީ މީކާއީލު އަހުމަދު ނަސީމުގެ ވަނަވަރެއް ހިއްސާކޮށްފައެވެ. އެހެންނަމަވެސް، ކުޑައިރުކޮޅެއްގެ ތެރޭގައި އެ ޕޯސްޓް މީސްމީޑިއާއިން ވަނީ ނަގާފައެވެ.
މިމައްސަލަ އާއި ގުޅިގެން މީކާއީލު އަހުމަދު ނަސީމު ”އެކްސް“ ގައި ކުރި ޕޯސްޓުގައި ސަރުކާރުން ސްކޫލުތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަަމަށާއި ޖޭއެސްއިން ޕޯސްޓް ފޮހެލީ އެޑިޔުކޭޝަން މިނިސްޓްރީގެ އަންގައިގެން ކަމަށް ބުނެފައިވެއެވެ.
ނަމަވެސް، ޖަމާލުއްދީން ސްކޫލުން ރޭ ނެރުނު ބަޔާނުގައި މިކަން ދޮގުކޮށް ބުނެފައި ވަނީ ޕޯސްޓް ނަގަން ޖެހުނީ އެ ސްކޫލަކީ ތަޢުލީމާއި ތަރުބިއްޔަތު ދޭ ތަނަކަށްވާއިރު، މީކާއީލުގެ ފަރާތުން ދަރިވަރުންނަށް ނުރަނގަޅު ނަމޫނާއެއް ދައްކުވައިދޭ ފަދަ ކަންކަން ފެނިފައިވާތީ ކަމަށެވެ.
”މިފަދަ ކަންކަމަކީ މި ސްކޫލުގެ އަޚްލާޤީ މިންގަނޑާ ޚިލާފު ކަންކަން ކަމަށްވާތީ އާއި ގިނަ ބެލެނިވެރިންތަކެއްގެ ކަންބޮޑުވުން ސްކޫލަށް ލިބެމުންދިޔުމާ ގުޅިގެންނެވެ،“ ޖަމާލުއްދީން ސްކޫލުގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖޭއެސްއިން އިތުރަށް ބުނީ ޕޯސްޓް ފޮހެލާފައި ވަނީ އެލުމްނައި ޕްރޮފައިލް ކޮމިޓީގެ ލަފާގެ މަތިން ކަމަށާއި އެޑިޔުކޭޝަން މިނިސްޓްރީން ބާރުއަޅައިގެން ޕޯސްޓް ނައްތާލި ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެއީ ތެދު މަޢުލޫމާތެއް ނޫން ކަމަށެވެ.



