އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުން ދަނިކޮށް، މީހަކު ނިޔާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހ. ރަންވިލާގެ / މަރްޔަމް ޢަލީ (39އ.) އެވެ. އޭނާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މަރްޔަމް ޢަލީގެ މަރާ ގުޅިގެން ބައެއް ސުވާލުތައް ވަނީ އުފެދިފައެވެ. އެގޮތުން އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗުގެ އިމާރާތުން ފުންމާލައިގެން ކަމަށާއި މަރާ ގުޅިގެން ޝައްކުތަކެއް ހުރުމުން ފުލުހުންގެ ފޮރެންސިކްއަށް ސާމްޕަލް ނެގި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މީގެއިތުރުން މި ހާދިސާ ރޭގެ ވަގުތެއްގައި ހިނގާފައިވާއިރު، މިއަދު ފަތިސް ނަމާދަށްފަހު އޭނާގެ ހަށިގަނޑު ވަނީ ވަޅުލާފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އާއިލާގެ ފަރާތުން ”ސައުވީސް“ އަށް މައުލޫމާތު ދެމުން ބުނީ، މަރްޔަމް ޢަލީ އަށް މީގެ ކުރިން ގުރައިދޫ މަރުކަޒުން ވެސް ފަރުވާ ދީފައިވާ ކަމަށެވެ. އޭގެފަހުން ބަންގްލަދޭޝް ފިރިހެނަކާ ކައިވެނި ކޮށްގެން އުޅުނު ކަމަށާއި އޭނާ ނިޔާވެއްޖެކަމުގެ މައުލޫމާތު އާއިލާއަށް ދިނީވެސް އެ ބަންގްލަދޭޝް މީހާ ކަމަށް އާއިލާގެ ފަރާތުން ބުނެފައިވެއެވެ.
”އޭނަ ދައްކާ ވާހަކަތަކާއި ހޮސްޕިޓަލުން ދިން މައުލޫމާތާ ދިމަލެއް ނުވޭ“ އާއިލާގެ ފަރާތުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުންދިޔަ ޚާއްސައެހީއަށް ބޭނުންވާ މީހަކު ނިޔާވި މައްސަލަ ރޭ 11:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫންކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ފުލުހުން ބެލި ބެލުމުން އޭނާގެ ހަށިގަނޑުގައި، ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި އެހެން ގެއްލުމެއް ލިބިފައި ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ނިޔާވި މީހާގެ އާއިލާގެ ފަރާތުން ވެސް މިހާތަނަށް ތުހުމަތުތަކެއްކޮށް، އެފަދަ ޝަކުވާއެއް ފުލުހުންނާ ހިއްސާ ކޮށްފައިނުވާ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.
”އެމީހާއަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް ތެދުވެ، ދުއްވައިގަނެގެން ދަނިކޮށް ވެއްޓުނުކަމުގެ މައުލޫމާތު ހޮސްޕިޓަލުން ދީފައިވޭ“ ފުލުހުން ވިދާޅުވިއެވެ.
އާއިލާއިން އެފަދަ ޝަކުވާއެއް ކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވިނަމަވެސް، އިތުރަށް ވިދާޅުވެފައިވަނީ ނިޔާވި މީހާގެ ހަށިގަނޑުން ފުލުހުން ސާމްޕަލް ނަގާފައިވަނީ އެފަދަ މައްސަލައެއް ހުށަހެޅުމުން އާންމުކޮށް އަމަލުކުރާ އުސޫލުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލާ ”ސައުވީސް“ އިން ސުވާލު ކުރުމުން ވިދާޅުވީ، މިވަގުތު ހާމަކުރެވެން އޮތީ، އުމުރުން 39 އަހަރުގެ އަންހެނަކު ރޭގައި ނިޔާވެފައިވާ ކަމަށް އެކަނި ކަމުގައެވެ. ސާމްޕަލް ނެގީ ކީއްވެތޯ ސުވާލު ކުރުމުންނާއި އަންހެން މީހާ ވެއްޓުނީ ކިހިނެއް ކޮންތަނަކުންތޯ ސުވާލު ކުރުމުންވެސް އޮފިޝަލު ވިދާޅުވީ، މިއީ ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށްވާތީ އިތުރު މައުލޫމާތު މިވަގުތު ފޯރުކޮށްދެވެން ނެތް ކަމަށެވެ.



