އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައި.ސީ.ސީ) ތަޙުޤީޤުތަކުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް އިޤްތިޞާދީ އަދި ދަތުރުފަތުރުގެ ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރެއް ނެރެފިއެވެ.
ބުރާސްފަތި ދުވަހު، މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އެމެރިކާގެ ރައްޔިތުންނާއި އިސްރާއީލް ފަދަ އެމެރިކާގެ އެކުވެރި ޤައުމުތަކާ ބެހޭ ގޮތުން އައި.ސީ.ސީ އިން ކުރާ ތަޙުޤީޤުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި، ފިޔަވަޅު އެޅޭ މީހުންގެ އެމެރިކާގައި ހުރި އެސެޓްތައް ހިފެހެއްޓުމާއި އެ މީހުންނާއި އެ މީހުންގެ އާއިލާތަކަށް އެމެރިކާއަށް ޒިޔާރަތްކުރުން މަނާކުރުން ހިމެނެއެވެ. މިއީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް އަޅުއްވާފައިވާ ފިޔަވަޅެކެވެ.
އައި.ސީ.ސީ އިން ވަނީ ހުކުރު ދުވަހު މި ފިޔަވަޅުތައް ކުށްވެރިކޮށް، އެ ކޯޓުގެ 125 މެމްބަރު ޤައުމުތަކަށް އެ ކޯޓުގެ މުވައްޒަފުންނަށް އެހީތެރިވުމަށް ގޮވާލާފައެވެ. އައި.ސީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ”ކޯޓުން ވަރަށް ހަރުދަނާކަމާއެކު އެކޯޓުގެ މުވައްޒަފުންނާއެކު ތިބި ކަމަށާއި، އެކޯޓުން އަދުލު އިންސާފު ގާއިމުކުރުން މަތީ ދެމިހުންނާނެ ކަމަށެވެ“.
ޓްރަމްޕްގެ ސަރުކާރުން މި ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވޮޝިންގްޓަނަށް ދިއުމަށްފަހުއެވެ.
އައިސީސީއިން ވަނީ ހުސްވި އަހަރު ނެތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރާއި ފަލަސްތީނުގެ ހަމަސް ޖަމާއަތުގެ އިސްވެރިއަކު ޣައްޒާގައި ހިނގި ހަނގުރާމައާ ގުޅިގެން ހައްޔަރު ކުރުމަށް އަމުރު ނެރެފައެވެ.
އެމެރިކާއިން މި ފިޔަވަޅުތަކުގެ ދަށުން ފިޔަވަޅު އަޅާނެ މީހުންގެ ނަންތައް އިއުލާނުކުރާނީ ކޮްންއިރަކުންކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، 2020 ވަނަ އަހަރު، އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން ހަނގުރާމައިގެ ކުށްތައް ކުރިކަމަށް ތުހުމަތުކޮށް އައި.ސީ.ސީ އިން ކުރަމުންދިޔަ ތަޙުޤީޤާ ގުޅިގެން، އޭރުގެ ޕްރޮސެކިއުޓަރު ފަތޫ ބެންސޯޑާއަށް ވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ ހަމަ މިފަދައިން ފިޔަވަޅު އެޅުމުގެ އަމުރު ނެރެފައެވެ.



