ގއ. ވިލިނގިލީގައި މިދިޔަ ބުދަ ދުވަހު ވިހެއުމާ ގުޅިގެން މަރުވި އަންހެނަކާއި އޭނާގެ ދަރިފުޅުގެ މަރުގެ މައްސަލަ ޖިނާއީ ގޮތުން ތަޙުޤީޤުކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ހާމަކުރައްވައިފިއެވެ.
މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ހިތާމަވެރި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ކުރިއަށް ގެންދިއުމަށާއި، އިހުމާލުވެފައިވާ ފަރާތެއް ފާހަގަކުރެވިއްޖެނަމަ އެފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ވިލިނގިލީ ޝިއުނާ ތައުފީޤާއި އޭނާގެ ތިންވަނަ ދަރިފުޅެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝިއުނާގެ ދަރިފުޅު ވިހެއީ ސިޒޭރިއަން އޮޕަރޭޝަނަކުންނެވެ. އޮޕަރޭޝަނަށްފަހު ޝިއުނާ އޮތީ ހޭނާރައެވެ. އަދި ބުދަ ދުވަހުގެ ރޭއާ ހަމައަށް ދެމައިން ވެސް އޮތީ ވެންޓިލޭޓަރުގައެވެ.
މީޑިއާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ދެމައިންގެ ހާލަތު ސީރިއަސްވެ މާލެ ގެންދަން ޖެހުނު ނަމަވެސް، އެކަން ލަސްވެގެން ދިޔައެވެ. ރޭގަނޑު 11 ޖެހި އިރު ޝިއުނާ ކޫއްޑޫއަށް ގެންދެވުނެވެ. ނަމަވެސް މާލެ ފުރުވާނުލެވި އުޅެނިކޮށް، އިރުކޮޅެއްފަހުން ވިލިނގިލީގައި އޭނާ ނިޔާވިއެވެ.
ޝިއުނާގެ ދަރިފުޅު ބުދަ ދުވަހުގެ ރޭ މާލެ ގެނެވުނެވެ. ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވި ފަތިހު ނިޔާވިއެވެ.
މި ހާދިސާގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ބުނެ ވިލިނގިލީގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލަ ހެލްތު މިނިސްޓްރީން ވެސް ބަލަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.



