މަސައްކަތުގެ މާޙައުލުގައި އެމީހެއްގެ ޤާބިލުކަން ދައްކުވައިދިނުމުގެ ފުރުސަތު ލިބެންވާނެކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ތޯރިގު މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް، (މާޕް)އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ނެޝަނަލް އެޗްއާރް ކޮންވެންޝަންގެ 5 ވަނަ ކޮންވެންޝަން މިއަދު ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މާޕް އިން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންވެންޝަނަކީ އެޗްއާރް ޕްރޮފެޝަލުންނާއި ގުޅުންހުރި ފަރާތްތަކުން ހިމެނިގެން މިފަދަ ގޮތަކަށް ބާއްވާ އެންމެ ބޮޑު އެއް އިވެންޓެވެ. އެގޮތުން މި އަހަރުގެ ކޮންވެންޝަންގެ މައިގަނޑު ޝިޢާރަކީ ”އިނޮވޭޓް، އެޑެޕްޓް އެންޑް ލީޑް؛ ބިލްޑިންގް ކޭޕަބިލިޓީޒް ފޯ އަ ޗޭންޖިންގް ވޯލްޑް“ އެވެ.
ދެ ދުވަހަށް ކުރިއަށްގެންދާ ކޮންވެންޝަން ރަސްމީކޮށް މިއަދު ހުޚުވައިދެެއްވީ މިނިސްޓަރ ތޯރިގެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތޯރިގު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާ މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު، މި ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާނެކަމަށެވެ.
”އަޅުގަނޑުމެންގެ މަސައްކަތުގެ މާޙައުލު އެކުލެވިގެންވާ ގޮތަކަށް ހެދުމާ މެދުވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ. ޒުވާނުންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ހަމައަށް، އެއްވެސް މީހަކު އަޅުގަނޑުމެންގެ ތެރެއިން އެކަހެރިވެގެން ނުދާނެކަން ކަށަވަރުކުރަން ޖެހޭ. ކޮންމެ މީހަކަށްވެސް މަސައްކަތުގެ މާޙައުލުގައި އެމީހެއްގެ ޤާބިލުކަން ދައްކުވައިދިނުމުގެ ފުރުޞަތު ލިބެންވާނެ“ މިނިސްޓަރ ވިދާޅުވިއެވެ.




