ދިޔަ ޖެނުއަރީ މަހު އެންމެ ގިނައިން ހުށައެޅިފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ފުރަތަމަ މަސް ނިމިގެންދިޔައިރު ވައްކަމާއި ގުޅުންހުރި 274 މައްސަލައެއް ހުށައެޅިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހުށަހަޅާފައިވަނީ 334 މިފަދަ މައްސަލައެވެ.
ދެވަނައަށް އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތައްކަމަށްވާއިރު ނިމިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މަދުކަން ފާހަގަކުރެވެއެވެ. އެގޮތުން 2024 ވަނަ އަހަރު މިފަދަ 263 މައްސަލަ ހުށައެޅިފައިވާއިރު މި އަހަރުގެ ޖެނުއަރީ މަހުގައި ހުށައެޅިފައިވަނީ 233 މައްސަލައެވެ.
ތިންވަނައަށް އެންމެ ގިނައިން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހުށައެޅިފައިވަނީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތައްކަމަށްވާއިރު މި އަހަރުގެ ތެރޭގައި މިފަދަ މައްސަލަތައް ރެކޯޑުކުރެވިފައިވާ މިންވަރު ދަށްކަން ތަފާސްހިސާބުތަކުން ފެނިގެންދެއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 150 މައްސަލަ ފުލުހުންގެ ރެކޯޑުތަކުން ދައްކާއިރު މި އަހަރު ފާހަގަކޮށްފައިވަނީ 137 މައްސަލައެވެ.



