ރާއްޖޭގެ ޖަލުތަކުގައި އިންޑިއާގެ 10 ރައްޔިތަކު އެބަތިބި ކަމަށް އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.
މިކަން ހާމަވެފައިވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ލޮކް ސަބާގައި ކެރެލާ ސްޓޭޓުގެ ޕޮންނަނީ ކޮންސްޓިޓިއުޝަންގެ މެންބަރު މުހައްމަދު ބަޝީރު، އެކި ގައުމުތަކުގެ ޖަލުގައި ތިބި އިންޑިއާ މީހުންގެ އަދަދު ހިއްސާކޮށްދެއްވުމަށް އެޤައުމުގެ އެކްސްޓާނަލް މިނިސްޓްރީގައި އެދުމުންނެވެ.
ބަޝީރުގެ އެދުމަށް ޖަވާބުދެމުން އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ކިރްތީ ވަރްދާން ވިދާޅުވީ، އެކި ކުށްތަކުގައި ބޭރު ގައުމުތަކުގެ ޖަލުތަކުގައި އިންޑިއާގެ 10،152 މީހަކު މިވަގުތު ހުކުމް ތަންފީޒުކުރަމުންދާ ކަމަށެވެ.
އެގޮތުން އިންޑިއާ މީހުން އެންމެ ގިނައިން ތިބީ ސައުދި އަރަބިޔާގެ ޖަލުތަކުގައި ކަމަށާއި ސައުދީގެ ޖަލުތަކުގައި 2633 އިންޑިއާ މީހުން އެބަތިބި ކަމަށް ވިދާޅުވިއެވެ.
ދެވަނަ އަށް އެންމެ ގިނަ އިންޑިއާ މީހުން ޖަލަށްލާފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގަ އެވެ. އެގޮތުން ޔޫއޭއީގެ ޖަލުތަކުގައި 2518 އިންޑިއާ މީހުން އެބަތިއްބެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން އިންޑިއާގެ މީހުން ޖަލަށްލާފައިވަނީ ނޭޕަލްގަ އެވެ. އެ ގައުމުގެ ޖަލުތަކުގައި އިންޑިއާގެ 1317 މީހަކު އެބަތިއްބެވެ. ޕާކިސްތާނުގެ ޖަލުތަކުގައި އިންޑިއާގެ 266 މީހުން، ސްރީލަންކާގެ ޖަލުތަކުގައި 98 މީހުން އަދި ބޫޓާންގެ ޖަލުތަކުގައި 69 މީހުން ތިއްބެވެ.
ރާއްޖޭގެ ޖަލުތަކުގައި ތިބީ 10 އިންޑިއާ މީހުންނެވެ.




