ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޫކުރި އެއް ދުވަހަކީ މި މަހުގެ 6 ވީ ބުރާސްފަތި ދުވަސް ކަމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިފްކޯއިން ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.
މިފްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
މަސްކުންފުނި ކަމަށްވާ މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިން ކިރާފައިވާ މަހަށް އެ ކުންފުނިން ވަނީ 6.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިއީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޭން އަމަލުކުރަން ފެށިފަހުން މިހާތަނަށް އެންމެ ގިނައިން ފައިސާ ދޫކުރި ދުވަސްކަން ފާހަގަވެއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޑިސެންބަރ މަހާއި އަޅާބަލާއިރު %122 އިތުރުވުމެކެވެ. ޑިސެމްބަރ މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ.




