ގއ. ވިލިނގިލީ ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށްފަހު، ހާލު ދެރަވެގެން މާލެ ގެނައުން ލަސްވެގެން ނިޔާވި ދެމައިންގެ މައްސަލައިގައި، އެރަށު ރައްޔިތުން އެކަމާ ހިތާމަފާޅުކޮށް ކަޅު ހެދުމުގައި މިއަދު އިހުތިޖާޖު ކޮށްފިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިލީ ޒަމާނީވިލާ / ފާތިމަތު ޝިއުނާ (37އ.) އާއި އޭނާގެ ތުއްތު ދަރިފުޅެވެ.
ޝިއުނާގެ ހާލެދެރަވެ އެ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔައީ މިދިޔަ އަންގާނަ ދުވަހުގައެވެ. އޭނާގެ ހާލު މާބޮޑަށް ގޯސްވުމުން، ވެންޓިލޭޓަރަށްލުމަށްފަހު ސިޒޭރިއަން ހަދައި ބަނޑުގައި އޮތް ދަރިފުޅު ވަނީ ނަގާފައެވެ.
ނަމަވެސް އެއަށްފަހު އެ ދެމައިންގެ ހާލު ވެސް ގޯސްވުމުގެ ސަބަބުން އިތުރުފަރުވާއަށް މާލެ ފޮނުވާލަން ނިންމި ކަމަށާއި ނަމަވެސް މާލެ ފޮނުވާލުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށް އާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ.
މި ހާދިސާގައި މައިމީހާ ނިޔާވެފައިވަނީ މާލެއަށް ގެނައުމަށް ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބާ ކަމަށާއި ތުއްތު ދަރިފުޅު ނިޔާވީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ދެމައިން ނިޔާވި ހާދިސާއާ ގުޅިގެން ގއ. ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. އަދި ދެމައިން މާލެ ގެނައުމަށް ކޫއްޑޫއަށް ފޮނުވި އެއާ އެމްބިއުލޭންސް (ފްލައިޓު)ގައި ވަސީލަތްތައް ހަމަނޫނީތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
މިކަންބޮޑުވުންތަކާ ގުޅިގެން މޯލްޑިވިއަން އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ އެ ދެމައިން ނިޔާވުމަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި ދެމައިން މާލެ ގެނައުމަށް މޯލްޑިވިއަންއިން އެއާ އެމްބިއުލާންސް އޮޕަރޭޓްކޮށްފައި ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސަސްއާ ގުޅިގެން އިމަޖެންސީ ފަރުވާ ދޭން ބޭނުންވާ ސާމާނާ އެކުގައި ކަމަށެވެ.
ދެމައިން ނިޔާވި ހާދިސާއާ ގުޅިގެން ވިލިނގިލީގެ ގިނަ ރައްޔިތުންތަކެއް މިއަދު ހަވީރު 4:30 ގައި، އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލު ކުރިމަތިން ވަނީ އިހުތިޖާޖު ކުރަން ފަށާފައެވެ.
މި އިހުތިޖާޖުގައި ބައިވެރިވި ވިލިނގިލީ ކައުންސިލްގެ ޕީއެންސީ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އެ އިހުތިޖާޖުގެ މައިގަނޑު ބޭނުމަކީ ހޮސްޕިޓަލާ ހަވާލުވެގެން ތިބި މީހުން ޒިންމާދާރު ކުރުން ކަމަށެވެ.




