ބުރުޒުމަގުގައި ހުރި ފަޅު ގެއެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. ހައުސްޕްލާޒާ ގޭގައި ކަމަށާއި މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 06:35 ހާއިރު ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.
އެގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 07:47 ހާއިރު ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.
އަލިފާން ރޯވެފައިވަނީ، އެގޭގައި ބަހައްޓާފައިހުރި ކުނިތަކެއްގައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.



