އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް 33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި 12 ގޮނޑީގެ ތެރެއިން 9 ގޮނޑި ލިބިފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ދެ ގޮނޑިއެވެ. ބާކީއިން ދެ ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި ދެ ފަރާތެކެވެ.
ޕީއެންސީއަށް އިއްޔެ ލިބުނު އެ ކާމިޔާބީއާ ގުޅިގެން ރައީސް މުޢިއްޒު ”އެކްސް“ މެދުވެރިކޮށް ރޭގައި ކުރެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބައިއިލެކްޝަނުގައި އިއްޔެ ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން އިންތިހަބަކާ ނުލައި 24 ގޮނޑި އެ ޕާޓީއަށް ލިބުމާއި އިންތިހާބު ބާއްވައިގެން 9 ގޮނޑި ލިބުމަކީ ޕީއެންސީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
”އަތޮޅު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް މެމްބަރުކަމުގެ 2 ގޮނޑި، އަންހެނުންގެ ތަަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑި މިއަދު ޕީއެންސީން ވަނީ ކާމިޔާބުކޮށްފައި،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އިއްޔެގެ އިންތިހާބު ޕީއެންސީއަށް ކާމިޔާބު ކޮށްދިނުމުގައި މަސައްކަތް ކުރި ފަރާތްތަކަށާއި ވޯޓުލީ ފަރާތްތަކަށް ރައީސްގެ ޕޯސްޓުގައި ވަނީ ވަރަށް ޚާއްސަ ޝުކުރެއްވެސް ދަންނަވާފައެވެ.




