މަސްވެރިކަމާ ގުޅޭ ދިރާސާތަކަށް 40 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖެއަށް ޚިދުމަތް ކޮށްދެއްވި ހަސަން ޝަކީލް މިއަދު އަވަހާރަވެއްޖެއެވެ.
ޝަކީލު މިއަދު އަވަހާރަވީއިރު އޭނާގެ އުމުރުފުޅަކީ 64 އަހަރެވެ.
ރާއްޖޭގެ ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތް ކުރީގެ މެރިން ރިސާޗް ސެކްޝަންގައި ފުރަތަމަ ފެށިގެން ދިޔައިރު ޝަކީލަކީ އެކަމުގެ އެންމެ އިސް މޭސްތެރިޔާއެވެ.
އެ ދާއިރާގައި 40 އަހަރަށްވުރެ ގިނަ އަހަރު ޝަކީލު ޚިދުމަތްކޮށްދެއްވާފައިވާއިރު، އޭނާވަނީ އެދާއިރާއަށް އިތުރު ދިވެހިން ނެރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކޮށްދެއްވާފައެވެ. އަދި ގިނަ މުވައްޒަފުންތަކެއް އެ ދާއިރާގައި ޝަކީލު ވަނީ ތަމްރީނު ކޮށްދެއްވާފައެވެ.
ޝަކީލުގެ ޚިދުމަތްތައް ފާހަގަ ކުރައްވާ، އެ ޚިދުމަތްތަކުގެ އަގުވަޒަން ކުރަމުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މިއަދު ވަނީ ޕޯސްޓެއް ވެސް ކޮށްފައެވެ.
އެ ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓްރީން ވަނީ އަލްމަރްހޫމް ހަސަން ޝަކީލު އަޅުގަނޑުމެންނާ ވަކިވެގެން ދިޔުމުގެ ހިތާމާގައި އެ މިނިސްޓްރީން ބައިވެރިވާ ކަމަށެވެ.
މާތް ﷲ ހަސަން ޝަކީލުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތްލައްވާ ޖަނަތުލް ފިރްދައުސްގެ މަތިވެރި ނިއުމަތް ދެއްވާށި. އާމީން. އަދި މިފަދަ ހިތާމަވެރި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.




