މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކޮށް ވޭނެއް ދުއްވި ޑްރައިވަރަކާމެދު ފުލުހުން އަމަލުކުރި ގޮތް ބަލަންް ފަށައިފިއެވެ.
ސްޓްރޯކެއް ޖެހިފައިވާ ކަމަށް ބުނާ މީހެއްގެ މައްޗަށް މަސްތުގެ ހާލަތުގައި އިން ކަމަށް ބުނެ، ފުލުހުންގެ އިދާރާގައި ހަ ގަޑިއިރަށްވުރެ ގިނައިރު ބޭންދި މައްސަލައެއް މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މަސްތުގެ ހާލަތުގައި އިން މީހަކު އުޅަނދެއް ދުއްވާކަމުގެ މައުލޫމާތު 8 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 10:13 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މައުލޫމާތާ ގުޅިގެން ފުލުހުން އެ މައްސަލައަށް އެޓެންޑުވެ ބެލިއިރު، އެމީހާ ދުއްވި ވޭން ހުޅުމާލެ ފިތުރޯނު މަގު އަރިމައްޗަށް އަރައި އެކްސިޑެންޓުވެފައިވާކަން ފާހަގަ ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް މައުލޫމާތު ސާފު ކުރުމުން، ހުޅުމާލެ ދެވަނަ ފިޔަވަހިން އެ ވޭން ދުއްވާފައި އަންނަނިކޮށް ފުރަތަމަ ފިޔަވަހި ގުޅުވައިދޭ ބްރިޖު ޑިވައިޑަރުގައި ވެސް ޖެހި އެކްސިޑެންޓު ވެފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ވޭން ދުއްވި ޑްރައިވަރު މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރުމުން، ނަތީޖާ ނެގަޓިވް ކަމަށް ވަނީ ދައްކާފައެވެ. އެހެންކަމުން އެ ޑްރައިވަރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން އުޅަނދު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އަމަލުކޮށްފައިވާ ގޮތް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ ފުލުހުންގެ އިހުމާލެއްވާނަމަ، އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.




