ރަމަޟާން މަހާ ދިމާކޮށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ ”އެއްގެއިން އަނެއްގެއަށް“ ކެމްޕެއިންއަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަހުގެ 1 އިން 16 އަށް ކުރިއަށްދާ މި ކެމްޕެއިންގެ ދަށުން މިހާތަނަށް 89 އައިޓަމް ހަދިޔާކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މީގެ ތެރެއިން އެންމެ ގިނައިން ހަދިޔާކުރެވިފައި ވަނީ ފަރުނީޗަރު ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ ހަސަން ޝަހީދު ވިދާޅުވީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭގެއިން ބޭނުންކުރާ ސާމާނާއި ފަރުނީޗަރު އައުކުރުމަކީ ގިނަ ބައެއްގެ އާދައެއް ކަމަށެވެ.
ނަމަވެސް މިގޮތަށް އައުކުރާއިރު އަދިވެސް ބޭނުންކުރެވޭ ވަރުގެ ތަކެތި އުކާލާކަން ފާހަގަކުރެވޭތީ، މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ އެފަދަ ތަކެތި އުކާލުމުގެ ބަދަލުގައި އެހެން ބޭނުންވާ ފަރާތްތަކަށް ހަދިޔާކުރުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީދު އިތުރަށް ވިދާޅުވީ މި ޕްރޮގްރާމަށް މާލެއާއި އަތޮޅުތެރެއިން ވެސް ވަރަށް ބޮޑު އިޖާބައެއް ލިބެމުންދާ ކަމަށެވެ. އަދި ތަކެތި ހަދިޔާކުރުމަށް އެދި އެޗްޑީސީގެ ހޮޓްލައިނަށް ގުޅަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ކެމްޕެއިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަޢުލޫމާތު ސާފުކުރުމަށް 249 ފަރާތަކުން ގުޅާފައިވާއިރު، 86 ފަރާތަކުން ތަކެތި ހަދިޔާކުރުމަށް އެދިފައިވެއެވެ. މީގެ އިތުރުން 101 އައިޓަމް ލިބި، 89 އައިޓަމް ހަދިޔާކުރެވިފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
އެޗްޑީސީން ބުނާ ގޮތުގައި މި ކެމްޕެއިންގެ މަޤްޞަދަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކޮށް، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދިނުމަށް ހިތްވަރުދިނުމެވެ. އަދި މިއީ ރަމަޟާން މަހާ ގުޅިގެން ފްލެޓުތަކުން އުކާލާ ކުނީގެ މައްސަލަ ހައްލުކުރުމަށާއި، އިސްރާފު މަދުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.
އެޗްޑީސީން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި ކެމްޕެއިންގެ ދަށުން ހަދިޔާކުރެވޭ ތަކެތި ރުއްގަނޑު އެކެއްގައި ބަހައްޓާފައި ހުންނާނެ ކަމަށެވެ. އަދި އެ ސަރަހައްދުން ބޭނުންވާ ތަކެތި ފާހަގަކުރުމުން، އެޗްޑީސީގެ މުވައްޒަފުން އެ ތަކެތި ހިލޭ ގޭގެއަށް ގެންގޮސްދޭނެ ކަމަށްވެސް ބުނެފައިވެއެވެ



