އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުމާލެ އިންޓަނޭޝަނަލް ހޮޓެލަށް ދާން އޮންނަ މަގުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ މިއަދު 13:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. ނަމަވެސް ޕިކަޕް ދުއްވަން އިން މީހާގެ މޫނަށް ބިއްލޫރި ބުރައިގެން ގޮސްފައިވާތީވެ އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ޗެކަޕް ހަދާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިއެކްސިޑެންޓުގައި ހިމެނޭ ދެ އުޅަންދުވެސް ދުއްވާފައި ވަނީ ’އީ‘ ކެޓަގަރީގެ ލައިސަންސް އޮންނަ ދެމީހުންނެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



