ސަޢުދީ ޢަރަބިއްޔާގެ ތެރޭގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ގޮވާލައި، ނަފްރަތު އުފެއްދުމުގެ މަޤްޞަދުގައި އިޒްރޭލުގެ ޔަހޫދީން ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތައް ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން މިއަދު ބަޔާނެއްގައި ބުނެފައިވަނީ ސަޢުދީ ޢަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާއި، ބުރޫއަރާ ގޮތަށް ދައްކާ އެއްވެސް ވާހަކައެއް ބަލައި ނުގަންނާނެ ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރުތަކާއި މުޅިން ޚިލާފު ވާހަކަތަކެއް ކަމަށެވެ.
ރާއްޖޭގެ ފަރާތުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާގެ އިސްތިގުލާލާ ޚިލާފު ވާހަކަތަކެއް ނޫން ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށް މެދުނުކެނޑި ކުރަމުންދާ އިންކާރުގެ ބައެއް ކަމަށެވެ.
މީގެއިތުރުން، ދިވެހި އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގެނެ 1967 ގެ ބޯޑަރުތަކަށް ތަބާވުމަށް ދިވެހި ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ވަނީ ތަކުރާރުކޮށްފައެވެ. އަދި ޔަހޫދީ ވެރިންގެ މިފަދަ ނަފްރަތުގެ ބަޔާންތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ތެދުވުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.



