”ވޯލްޑް ގަވަމަންޓް ސަމިޓް 2025“ ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.
މި މަހުގެ 11 އިން 13 އަށް ޔޫއޭއީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓްގެ ޝިޢާރަކީ ”ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް“ އެވެ. ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކޮށް، ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަކީ މި ސަމިޓްގެ މައިގަނޑު މަޤްޞަދެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މި ސަމިޓްގައި މޫސުމީ ބަދަލުތަކާ ގުޅޭ ފޯރަމްގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ސަމިޓްގެ އެހެނިހެން ބައިވެރިންނާއެކު ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ވަނީ ރާވާފައެވެ.
ފާއިތުވި އަހަރު ބޭއްވުނު ”ވޯލްޑް ގަވަމަންޓް ސަމިޓް 2024“ ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ މުސްތަޤްބަލުގެ ތަޞައްވުރާއި ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.



