އިލެކްޝަންސް ކޮމިޝަނު (އީސީ) ގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.
މި ދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް އެ ދެބޭފުޅުންގެ ނަން ފޮނުއްވީ، މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގައެވެ.
އީސީގެ ޤާނޫނަށް މިދިޔަ އަހަރު ގެންނެވި ބަދަލާ ގުޅިގެން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ ދެ މަޤާމަށް ރައީސް ކަނޑައަޅުއްވާ ބޭފުޅުން އައްޔަނު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
މީގެކުރިން ޤަވާއިދު އޮތް ގޮތުންނަމަ، އީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރަނީ އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގައި ވޯޓަކުންނެވެ.
އީސީގެ ރައީސަކަށް ޒާހިދު އަދި ނައިބު ރައީސް ކަމުގެ މަގާމަށް ޢަބްދުއްޝަލާޙް އައްޔަނު ކުރެއްވުމަށް ރައީސް ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރެއްވުމަށޤ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުއްވާފައެވެ.



