މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މީހަކަށް ކޯރާޑިއަކުން ހަމަލާދިން ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ރެހެންދި ޓާފް ދަނޑު ހުޅަނގުފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު ހަމަލާ ދީފައިވާ މައްސަލައެއް އެރޭ 11:35 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާޅެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލި ކަމަށާއި އެމީހާއަށް ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން އެއިރު ވިދާޅުވެފައިވެއެވެ.
މާރާމާރީ ހިންގި ކަމަށް ޝައްކުކުރެވޭ ދެމީހުން ހުއްޓުވައި ހައްޔަރު ކޮށްފައިވަނީ، ފިލައިގެން މާލެއަށް ދަނިކޮށް ހައިވޭއިންނެވެ. އެ ދެމީހުން ހުއްޓުވި ސަރަހައްދުން ހަމަލާދޭން ބޭނުންކުރި ކޯރާޑިއާއި ވަޅިއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ ހީނާމާގެ / ރުސްތުމް އިބްރާހިމް (25އ.) އާއި ބ. ގޮތިދޫ ފިނިފެންމާގެ / ސައިފުﷲ ފައިސަލް (19އ.) އެވެ.
މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ރުސްތުމް އިބްރާހިމް ތިން ދުވަހަށް ބަންދު ކުރުމަށް އަދި ސައިފުﷲ ފައިސަލް ޝަރީޢަތް ނިމެންދެން އަދި ޝަރީޢަތުން ވަކިގޮތެއް އަންގަންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.




