ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ މުސާރަ ދެ އަހަރު ދުވަހަށް ކުޑަ ކުރުމަށް، ރައްޔިތުންގެ މަޖިލިހުގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު މަޖިލިހަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަސާސީ މުސާރަ 12000 ރުފިޔާއިން މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމާމެދު މަޖިލީހުން ދެކޭގޮތެއް ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެއިތުރުން ޝަރުޢީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށްވެސް މަޖިލީހަށް ފެނިވަޑައިގަންނަވާކަމަށްވާނަމަ އެކަމުގައިވެސް މަޖިލީހުން ނިންމާގޮތެއް އަންގައިދިނުމަށް ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ހުށަހެޅުއްވުން ރައްޔިތުންގެ މަޖިލިހުން މިއަދު ވަނީ ބަލައިގަނެ، އިތުރަށް އެކަން ދިރާސާ ކުރުމަށްޓަކައި މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.
ރައީސް މުޢިއްޒު ވަނީ މިއަހަރުގެ ބަޖެޓުގައި އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އެގޮތުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާކަމަށް ކަނޑައެޅުން ހިމެނެއެވެ.




