މިއަހަރުގެ ރަމަޟާންމަހު ޢުމްރާއަށްދާ ފަރާތްތަކަށް އިތުރު 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ރައީސް މުޢިއްޒު މިކަން އިއުލާނު ކުރެއްވީ އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓު މެދުވެރިކޮށް މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސާ ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް ދަންނަވާފައިވާ ކަމަށެވެ.
ކުރިން އޮންނަ ގޮތުންނަމަ، ކޮންމެ ޢުމްރާވެރިއަކަށް ވެސް ބެންކު ރޭޓުގައި ޑޮލަރު ދިނުމަށް ކަނޑައަޅާފައި އޮންނަނީ ކޮންމެ ޢުމްރާވެރިއަކަށް 500 ޑޮލަރެވެ.



