ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުކަމަށް ހަމަޖެއްސެވި ތޯރިގު އިބްރާހީމަށް ރުހުން ހޯދުމަށް ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ތޯރިގު ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވައި، އެ މިނިސްޓްރީގެ ވަޒީރުކަމަށް ތޯރިގު އައްޔަންކުރައްވުމާއި ގުޅިގެންނެވެ.
މީގެ ކުރިން މި ދެ މިނިސްޓްރީ ހިންގަމުން އައީ ވަކިންނެވެ. ތޯރިގު އެމަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމަގާމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެ މަޤާމުން ވަކިކުރެއްވީ ޖެނުއަރީ 28 ގައެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅު އިއްވާފައިވާއިރު މި ސިޓީފުޅުގައި ވަނީ ތޯރިގު އިބްރާހީމަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ.
މީގެ އިތުރުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، ހޯމްލޭންޑް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތައް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ މައްސަލަ ވެސް ވަނީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވާފައެވެ.


