ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް ދޫކުރާ ލޯނު ސްކީމްތަކަށް ރައްޔިތުންނަށް ފަސޭހަވާނެ ގިނަ ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރ ބަދުރުއްދީން ވިދާޅުވީ މި ބަދަލުތައް ގެނެވިފައިވަނީ ރައްޔިތުންނަށް ގެދޮރުވެރިކަން އިތުރަށް ޔަޤީންކޮށްދިނުމަށާއި ގެދޮރު އިމާރާތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށާއި މި ބަދަލުތަކާއެކު ލޯނުތައް އަގުހެޔޮވެ، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވެގެންދާނެ ކަމަށެވެ.
ބީއެމްއެލް އިސްލާމިކްގެ މެނޭޖަރ މަރިޔަމް ޝިރާނީ ވިދާޅުވި ގޮތުގައި މި އާ ބަދަލުތަކާއެކު، މީގެ ކުރިން ހަމައެކަނި އެޕާޓްމަންޓް، ރޯހައުސް އަދި ސިންގަލް ޔުނިޓް ގަތުމަށް ދޫކުރެވުނު ލޯނު، މިހާރު ބިމާއި ޕާކިންގ ސްޕޭސް ގަތުމަށްވެސް ދޫކުރެވޭނެއެވެ. އަދި ލޯނު ނަގާއިރު ދައްކަންޖެހޭ ޑައުންޕޭމަންޓްގެ އަދަދުވެސް ވަނީ ކުޑަކުރެވިފައިވާ ކަމަށް ޝިރާނީ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން 3 މިލިއަން ރުފިޔާގެ ތަނެއް ގަންނަނަމަ ޑައުންޕޭމަންޓަށް ދައްކަންޖެހޭ އަދަދު 10 އިންސައްތައަށް ކުޑަކުރެވިފައިވާކަން ހާމަކުރައްވާ ޝިރާނީ އިތުރަށް ވިދާޅުވީ މިއީ ކުރިން ދައްކަންޖެހުނު 6 ލައްކަ ރުފިޔާގެ ބަދަލުގައި 3 ލައްކަ ރުފިޔާއަށް ކުޑަކުރެވިފައިވާ އަދަދެއް ކަމަށެވެ. އަދި މި ފައިސާ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ދަށުން، ދެތިން މީހަކު އެކުވެގެންވެސް ދެއްކިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއިއެކު ގެދޮރު މަރާމާތުކުރުމަށް ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގގެ ދަށުން ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރެވި، ފައިނޭންސް ނެގޭނެ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް ވަނީ މަތިކުރެވިފައިވާ ކަމަށް ވެސް ޝިރާނީ ވިދާޅުވިއެވެ.
ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ދޫކުރާ ހޯމް ބިލްޑް ފައިނޭންސިންގގެ ދަށުން ފައިނޭންސް ނެގޭނެ އެންމެ މަތީ އަދަދުވެސް ވަނީ 2 މިލިއަން ރުފިޔާއަށް އިތުރުކުރެވިފައެވެ. އަދި އިތުރު ކަސްޓަމަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން، ފައިނޭންސަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދުވެސް ވަނީ ދަށްކުރެވިފައެވެ.




