ފަލަސްތީނުގެ ރައްޔިތުން އަދިވެސް ގަތުލުކުރަމުންދާތީ، އިޒްރޭލު ސިފައިން މިނިވަންކުރުން ހަމާސްއިން މަޑުޖައްސާލައިފިއެވެ.
އިޒްރޭލުން ޣައްޒާއަށް ދިގު 15 މަސް ދުވަސް ވަންދެން ދިން ހަމަލާތައް ހުއްޓާލަން ނިންމައި، ހައްޔަރުކޮށްފައިވާ މީހުން މިނިވަން ކުރަން އެއްބަސްވީ މިދިޔަ މަހު ފަހުކޮޅެވެ.
ނަމަވެސް އޭގެފަހުން ވެސް އިޒްރޭލު ސިފައިން އަންނަނީ ފަލަސްތީނުގެ ރެފިއުޖީ ޓެންޓުތަކަށާއި ދެކުނު އައްސޭރިއަށް ހަމަލާތަކެއްދީ، ފަލަސްތީނުގެ ރައްޔިތުންތަކެއް ގަތުލު ކުރަމުންނެވެ.
އެއްބަސްވުމާ ޚިލާފުވެ، އިޒްރޭލުން މިފަދައިން ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން، ހަމާސްއިން ހައްޔަރު ކޮށްފައިވާ އިޒްރޭލުގެ ސިފައިން މިނިވަން ކުރުން ވަގުތީގޮތުން ސަސްޕެންޑު ކުރުމަށް އެ ޖަމިއްޔާއިން އިއްޔެ ވަނީ ނިންމާފައެވެ.
ހަމާސްގެ މި ނިންމުމާ ގުޅިގެން އިޒްރޭލުން ބުނީ، ޣައްޒާގެ ބޯޑަރު ކައިރީގައި އިޒްރޭލު ސިފައިން އިތުރު ކުރާނެ ކަމަށެވެ.




